Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah An-Najm — Ayah 1

53:1
وَٱلنَّجۡمِ إِذَا هَوَىٰ ١
ތަރި އުދަރެހުގައި غائب ވެއްޖެއްޔާ އެ ތަރި ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ. (ދަންނައެވެ. النجم މި لفظ ގެ ތަރުޖަމާއަކާމެދު مفسّر ންގެ ބަސް ތަފާތެވެ. އަދި خاصّ ކޮށް قرآن ގައި މި لفظ ގެންނަވާފައިވާ مراد އަކާމެދު إختلاف ތައް އައިސްފައި އެބަ ހުއްޓެވެ. އެތަނުން ބައެއް މާނަ މިތާ ނަކަލުކޮށްލަމެވެ. النجم އަކީ ތަރިއެވެ. އެއިން މުރާދުކުރެވެނީ ކެތި، މި ނަކަތެވެ. ނުވަތަ އެއިން މުރާދުކުރެވެނީ زُهرة ކިޔާ ތަރިއެކެވެ. النجم ގެ އަނެއް މާނައަކީ ގަސްގަނޑު ނުހުންނަ ފަތްޕިލާވެއްޔެވެ. (ވެލުގެ މާނައިގައެވެ.) النجم ގެ މުރާދަކީ މި ސޫރަތުގައި قرآن އެވެ. النجم ގެ މުރާދަކީ މި ސޫރަތުގައި محمّد އެވެ. ދެންފަހެ هوٰى މި لفظ ގެ މާނައަކީ ވެއްޓުމެވެ. ނުވަތަ غائب ވުމެވެ. ނުވަތަ ނިވައިވުމެވެ. ނުވަތަ އޮއްސުމެވެ. މި ހުރިހާ މާނައެއްގައި މި لفظ ތައް ބޭނުންކުރެވިފައި އެބަ ހުއްޓެވެ. ވީމާ އަޅުގަނޑު މިތާ މި ލިޔަނީ އެންމެ ފުރަތަމަ މާނައެވެ. އެއީ: ތަރި ނުވަތަ ކެތި އޮއްސިއްޖެއްޔާ ނުވަތަ غائب ވެއްޖެއްޔާ އެ ކެތި ގަންދެއްވައި الله تعالى ހުވައި وحِى ކުރައްވައެވެ. މިއެވެ.