Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Mujadila — Ayah 4

58:4
فَمَن لَّمۡ يَجِدۡ فَصِيَامُ شَهۡرَيۡنِ مُتَتَابِعَيۡنِ مِن قَبۡلِ أَن يَتَمَآسَّاۖ فَمَن لَّمۡ يَسۡتَطِعۡ فَإِطۡعَامُ سِتِّينَ مِسۡكِينٗاۚ ذَٰلِكَ لِتُؤۡمِنُواْ بِٱللَّهِ وَرَسُولِهِۦۚ وَتِلۡكَ حُدُودُ ٱللَّهِۗ وَلِلۡكَٰفِرِينَ عَذَابٌ أَلِيمٌ ٤
ދެންފަހެ އަޅަކު މިނިވަން ކުރާން ނުލިބުނު މީހާ (އަޅަކު ނުލިބިގެން ނަމަވެސް، އަދި އަޅަކު ގަންނަހާ ފައިސާ ތިމާގެ އަތުގައި ނެތިގެން ނަމަވެސް އެކަން ނުކުރެވުނު މީހާއަށް) ދެން އޮތީ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ. އެއީ އެ ދެމަފިރީން جِمَاع ވުމުގެ ކުރީންނެވެ. ދެންފަހެ، ދެމަސްދުވަހު ރޯދަ ހިފުމަށް ކުޅަދާނަ ނުވި މީހަކުނަމަ ދެން އޮތީ ފަސްދޮޅަސް مِسْكِينންނަށް ކާން ދިނުމެވެ. (އެއީ ކޮންމެ مِسْكِين އަކު އެއްފަހަރު ބަނޑު ފުރޭވަރަށް ދިނުމެވެ. މިކަމާ ބެހޭ تَفْصِيل ތައް فِقْه ފޮތްތަކާއި، حَدِيث ފޮތްތަކުގައި بَيان ވެގެން ވެއެވެ.)\nއިސްވެދިޔަ حُكْم ތަކަކީ ކަލޭމެން ﷲ އަށާއި، އެކަލާނގެ رَسُول އާ އަށް إيْمان ވުމަށް ޓަކައި ﷲ ކަނޑައަޅުއްވާފައިވާ حُكْم ތަކެވެ. އަދި އެއީ ﷲ ކަނޑައަޅުއްވާފައިވާ حَدّ ތަކެވެ. އިންތަކެވެ. އެތަންތަން ފަހަނަޅައި ގޮސްގެން ނުވާނެއެވެ. (އެތަންތަން ފަހަނަޅައި ގޮސް ﷲ ގެ أمر ފުޅުތަކާއި، حُكْم ފުޅުތަކަށް ކިޔަމަންނުވެ إيْمان ނުވެއްޖެ މީހާއީ كافِر އެކެވެ.) އަދި كافِر ންނަށް ހުރީ ވޭންދެނިވި عَذاب އެވެ.\nދަންނައެވެ. އިސްވެދިޔަ އާޔަތްތަކުގައި بَيان ވެގެން އެވަނީ ظِهار ކުރުމުގެ ކުށުގެ ވާހަކަޔާއި، އެކަމުގެ އަދަބުގެ ވާހަކައެވެ. ظِهار ކުރުމަކީ ތިމާގެ އަނބިމީހާއާ ދިމާއަށް (أَنْتِ عَلَيَّ كَظَهْرِ أُمِّى) އެބަހީ [ކަލޭ އަހުރެންގެ މައްޗަށް އަހުރެންގެ މަންމަގެ ބުރިކަށި ފަދައެވެ.] މިފަދައިން ބުނުމެވެ. އޭގެ މާނައަކީ [ކަލެއެކޭ އަހުރެންގެ މަންމައެކޭ އެއްފަދައެވެ. މަންމަ ގާތުގައި ރޭކުރުމަކީ حَرام ކަމެއް ކަމުގައި ވީ ފަދައިން ކަލޭގެ ގާތުގައި އަހުރެން ރޭކުރުންވެސް އަހުރެންނަށް حَرام އެވެ.] މިއެވެ. އިސްލާމުދީނުގައި މި حُكْم އައުމުގެ ކުރީން މީހަކު ތިމާގެ އަންހެނުންނާ ދިމާއަށް އެފަދައިން ބުނެފިއްޔާ ދެން އެ ދެމީހުން ވަރިވީއެވެ. ދުވަހަކުވެސް ދެން ނުއިނދެވޭނެއެވެ. އެހެން ނަމަވެސް މި އާޔަތްތައް ބާވައިލެއްވުމުން އެކަން ކެންސަލްވީއެވެ. އެ ދެމީހުން ވަރިއެއް ނުވާނެއެވެ. އެ ބުނިބުނުމަށް كَفّارَة ދިނީމާ އަލުންވެސް އަނބިމީހާ ގާތުގައި ރޭކުރުން ހުއްދަވީއެވެ. އެކަމުގެ كَفّارَة އަކީ (1) އަޅަކު މިނިވަން ކުރުން. ނުވަތަ (2) ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުން. ނުވަތަ (3) ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުން. މިއެވެ. މިއިން ކޮންމެވެސް އެއް ކަމެކެވެ. އެމީހަކަށް ކުޅަދާނަވީ އެންމެ މަތީ ކަމެކެވެ.