Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Hashr — Ayah 4

59:4
ذَٰلِكَ بِأَنَّهُمۡ شَآقُّواْ ٱللَّهَ وَرَسُولَهُۥۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ٤
ދުނިޔެއާއި، آخِرَة ގައި އެމީހުންނަށް އެކަން ކަނޑައެޅި ނިމުނީ ހަމަކަށަވަރުން ﷲ އަށާއި، އެކަލާނގެ رَسُول އާ އާ ދެފަރާތަށް އެމީހުން ނުކިޔަމަންތެރިވެ، خِلاف ވުމުގެ ސަބަބުންނެވެ. އަދި ﷲ އާ خِلاف ވެ، ދެކޮޅުވެރިވާ މީހާ ދަންނައެވެ. (ހަމަކަށަވަރުން ﷲ އެމީހަކަށް ބޮޑުވެގެންވާ عُقُوبَة ދެއްވައެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ عُقُوبَة ދެއްވުން ގަދަފަދަވެވޮޑިގެންވާ ކަލާނގެއެވެ.\nދަންނައެވެ. އިސްވެދިޔަ ހަތަރު آيَة ގައި އިޝާރާތްވެގެން އެ ވަނީ رَسُولُ الله ﷺ ގެ ޒަމާނުގައި مَدِينَة ވަޒަންވެރިވެގެން ތިބި يَهُودِي ންގެ بَنُواالنَّضِير قَبِيلَة ގެ މީހުންގެ ވާހަކައަށެވެ. އެކަން ވީގޮތެއް ކަމުގައި تَفْسِير عِلْم ވެރީން ލިޔުއްވާފައި ވަނީ އަންނަނިވި ފަދައިންނެވެ. رَسُولُ الله އާއި، ބައެއް أصْحاب ން (މަރުގެ ދިޔައެއްގެ މައްސަލައެއް ހަމަޖެއްސުމަށް ޓަކައި) بَنُواالنَّضِير ގެ قَبِيلَة އަށް ވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގަތުމުން އެ قَبِيلَة ގެ މީހުން އެކަލޭގެފާނާއި، أصحاب ން ރަނގަޅަށް ބައިތިއްބާފައި އަދި އެކަލޭގެފާނުގެ ކަންތައް ރަނގަޅަށް ހަމަޖައްސާނޭ ކަމުގައި ދަންނަވާފައި އެކި މީހުން އެކި ދިމާއަށް ދިޔައީއެވެ. ދެންފަހެ އެމީހުން ސައްލާކޮށްފައި ނިންމީ رَسُولُ ﷲ ގެ އިސްތަށިފުޅުގެ މައްޗަށް ބޮޑު ހިލައެއް ވައްޓައިލައި، އެކަލޭގެފާނު އަވަހާރަ ކޮށްލާށެވެ. އެކަލޭގެފާނު އިންނެވީ ގެއެއްގެ ފާރެއްގެ ހިޔަލުގައި އިށީނދެވަޑައިގެންނެވެ. ދެން އެބައިމީހުން ގެމައްޗަށް އަރައި، ހިލަ ވައްޓައިލުމުގެ حَرَكاة ހަމަ ހިންގުމުން އެކަލޭގެފާނަށް އެކަން ﷲ އަންގަވައިފިއެވެ. ދެންފަހެ، އެކަލޭގެފާނު އަވަހަށް އެތަނުން ތެދުވެވަޑައިގެން مَدِينَة އަށް ވަޑައިގަތީއެވެ. އެހައިތަނުން رَسُولُ اللَّهِ ﷺ އާއި، އެމީހުންނާ ވެވިފައިވާ عَهْد އެމީހުން އުވައިލީއެވެ. އަދި އެމީހުންނާ ހަނގުރާމައަށް ދިޔުމުގެ أمر ފުޅު ނުކުމެއްޖެއެވެ. ދެންފަހެ އެކަލޭގެފާނާއި، أصْحاب ބޭކަލުން ވަޑައިގެން އެމީހުންގެ ގޯތި-ގެދޮރު حَصار ކުރައްވައި، ވަށައިލައްވައިފިއެވެ. އެންމެފަހުން ދެފަރާތުން ވާހަކަދެކެވިގެން ނިމުނީ އެމީހުން ނުމަރައި، އެކީއެކަށް އެމީހުން مَدِينَة އިން ނުކުތުމަށެވެ. ނުކުމެގެން ދާއިރު ކޮންމެ މީހަކުވެސް جَمَل އެއް ބަރުކޮށް ގެންދެވޭ ތަކެތި ގެންދިއުމަށެވެ. ދެން ހުރިހާ މުދާ ބެހެއްޓުމަށެވެ. އެއީ ﷲ ގެ أمر ފުޅު އައި ގޮތެވެ. އެހެންމީހަކު ކުރިކަމެއްނޫނެވެ. މީހުން ހީވެސް ނުކުރާ ގޮތަކަށެވެ. ދެން އެމީހުން ނުކުމެގެން ދިޔައީ އެއްބަޔަކު خَيْبَر އަށެވެ. އަނެއް ބަޔަކު شام ކަރައަށެވެ. އެމީހުން ދަމުން ގެދޮރުގައި ހުރި ތަކެތީގެ ތެރެއިން އެމީހުންނަށް ގެންދާން ފެނުނު އެއްޗެއް ގެންދިޔައީއެވެ. ގެދޮރުގެ ތަންތަން ހަލާކުކޮށްގެންވެސް ގެންދިޔަ ކަމުގައި ވެއެވެ. އަނެއް ކޮޅުން އެތަން ހިފާންވެގެން مُؤْمِن ން ބައެއް ގަސްވެސް ކަނޑައި، ކަދުރު ރުއް ކަނޑައި ހެދިކަމަށް ވެއެވެ. އަދި ގޯތި-ގެދޮރުންވެސް ބައެއްވަރު ހަލާކު ކުރި ކަމުގައި ވެއެވެ. އެވާހަކައަށް އިޝާރާތް ކުރައްވައި قُرْآن ގައި 'يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ' يَعْنِي އެމީހުންގެ އަތްތަކުންނާއި، مُؤْمِن ންގެ އަތްތަކުން އެމީހުންގެ ގެތައް ހަލާކު ކުރަނީއެވެ. މިފަދައިން އެންގެވިއެވެ. ދެން މި حَادِثَة އާ ބެހޭ އަނެއް ބައި އަންނަނިވި آيَة ތަކުގައި بَيان ވެގެން އެ އަންނަނީއެވެ.