Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Mumtahanah — Ayah 1

60:1
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ عَدُوِّي وَعَدُوَّكُمۡ أَوۡلِيَآءَ تُلۡقُونَ إِلَيۡهِم بِٱلۡمَوَدَّةِ وَقَدۡ كَفَرُواْ بِمَا جَآءَكُم مِّنَ ٱلۡحَقِّ يُخۡرِجُونَ ٱلرَّسُولَ وَإِيَّاكُمۡ أَن تُؤۡمِنُواْ بِٱللَّهِ رَبِّكُمۡ إِن كُنتُمۡ خَرَجۡتُمۡ جِهَٰدٗا فِي سَبِيلِي وَٱبۡتِغَآءَ مَرۡضَاتِيۚ تُسِرُّونَ إِلَيۡهِم بِٱلۡمَوَدَّةِ وَأَنَا۠ أَعۡلَمُ بِمَآ أَخۡفَيۡتُمۡ وَمَآ أَعۡلَنتُمۡۚ وَمَن يَفۡعَلۡهُ مِنكُمۡ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ ١
އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިމަން ރަސްކަލާނގެއާއި، އަދި ކަލޭމެންގެ عَدُوّ ންކަމުގައިވާ (غَيْر مُسْلِم ން) އެއީ ތިމާމެންގެ ސަހަރޯވެރި ން ކަމުގައި ކަލޭމެން ބަލައި إخْتِيار ނުކުރާށެވެ. ގާތްކަމާއި، ލޯބިވެތި ވުމުގެ ގޮތުން ކަލޭމެން އެމީހުންނާ ގުޅުން ބަހައްޓައި، رَسُوْل ﷲ ﷺ ގެ ސިއްރު خَبَر ތައް އެމީހުންނަށް އަންގައިދެނީއެވެ. ހަމަކަށަވަރުން އެ ކާފަރުންގެ މީހުން އެ ވަނީ حَقّ ގެ ތެރެއިން ކަލޭމެންގެ ގާތަށް އައި ތަކެތި ދޮގުކޮށްފައެވެ. ﷲ އާއި، رَسُوْل އާއަށް ކާފަރުވެފައެވެ. އެމީހުން އެވަނީ رَسُوْل އާ އާއި، އަދި ކަލޭމެން مُؤْمِن ން ވެސް ގޯތި ގެދޮރުން (مَكَّة އިން) ނެރެލައިފައެވެ. އެއީ ހަމައެކަނި ކަލޭމެންގެ رَبّ ކަމުގައި ވާ ﷲ އަށް ކަލޭމެން إِيْمَان ވީ ކަމަށް ޓަކައެވެ. އެހެންކަމެއްނޫނެވެ. ފަހެ ތިމަން ރަސްކަލާނގެ ރުއްސެވުން އެދިގެން ތިމަން ރަސްކަލާނގެ މަގުގައި ކަލޭމެން جِهاد އަށް ނުކުންނަނީ ކަމުގައި ވަންޏާ އެމީހުން ނަށް ލޯބިވެތިކަމާއެކު ގުޅުން ބަހައްޓައި ނުހަދާށެވެ. رَسُوْل ﷲ ﷺ ގެ ސިއްރު خَبَر ތައް އެމީހުންނަށް ފޮނުވައި، އަދި އަންގައި ނުހަދާށެވެ. ފަހެ ކަލޭމެން ވަންހަނާކުރާ ކަންތަކާއި، އަދި ފައުޅުގައި ކުރާ ކަންތައްވެސް ތިމަން ރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ފަހެ ކަލޭމެން مُؤْمِن ންގެ ތެރެއިން އެފަދަ ކަމެއް ކޮށްފި މީހާ (އެބަހީ ކާފަރުންނާ ލޯބިވެތިކަމުގެ ގުޅުން ބަހައްޓައި، އެމީހުންނަށް އިތުބާރުކޮށް، އެމީހުންނަކީ ތިމާމެންގެ ސަހަރޯވެރީން ކަމުގައި ބަލައިފި މީހާ) ދަންނައެވެ. ހަމަކަށަވަރުން ސީދާ حَقّ ތެދުމަގުން އެމީހަކު ކަހައިލައި، މަގުއޮޅި، ވާވަދެއްޖެއެވެ.\nދަންނައެވެ. މި ސޫރަތުގެ މި އާޔަތްތައް ބާވައިލެއްވުމާ ބެހޭ ސަބަބެއް تَفْسِير ފޮތްތަކުގައި بَيان ކުރައްވާފައި ވެއެވެ. بُخارِى އާއި، مُسْلِم އާއި، އަދިވެސް އެހެނިހެން ފޮތްފޮތުގައި ރިވާވެގެން ވެއެވެ. عَلِى بن أبِى طالِب ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُوْل ﷲ ﷺ. އަހުރެންނާއި، زُبَير ގެފާނާއި، އަދި مِقْداد އާއި، رَوْضَة خَاخ އެވެ ކިޔޭ ތަނަކަށް ފޮނުއްވިއެވެ. އަދި حَدِيث ކުރެއްވިއެވެ. އެތަނުން ދިމާވާ ދަތުރުވެރި އަންހެނެއްގެ އަތުގައި ސިޓީއެއް ވާނެއެވެ. އެ ސިޓީ ހިފައިގެން އަންނާން ދާށެވެ. ދެން އަހުރެމެން ގޮސް އެ އަންހެންމީހާ ގާތުގައި ސިޓީ ދޭށޭ ބުނުމުން ސިޓީއެއް ނެތޭ އެމީހާ ބުންޏެވެ. ދެން އަހުރެމެން ބުނެފީމެވެ. ސިޓީ ދޭށެވެ. އެހެންޏާ ކަމަނާގެ ފޭރާން ބައިލާނަމެވެ. ދެން އެމީހާގެ ބޮލުގެ ހުޅިގަނޑުގެ ތެރެއިން ނަގައިފައި ސިޓީ ދީފިއެވެ. ދެން އަހުރެމެން އެ ސިޓީ رَسُوْل ﷲ ﷺ އަށް ގެނަސްދީފީމެވެ. އޭގައި ވަނީ حاطِب بن أبِى بَلْتَعَق ގެ އަރިހުން مَكَّة ގެ ބައެއް مُشْرِك ންނަށް ލިޔެފައިވާ ލިޔުމެކެވެ. (އޭގައި ވަނީ مَكَّة فَتح ކުރައްވާން رَسُوْل ﷲ ﷺ ވަޑައިގަންނަވާ ވާހަކަ ކުރުގޮތަކަށް އަންގައިފައެވެ.)\nދެންފަހެ حاطِب ގެންނަވައި، އެކަމާ رَسُوْل ﷲ ﷺ ސުއާލުކުރެއްވުމުން حاطِب ވިދާޅުވިއެވެ. [އޭ رَسُوْل ﷲ ﷺ އެވެ. އަހުރެންގެ މައްޗަށް އަވަސްވެވަޑައި ނުގަންނަވާށެވެ. އަހުރެންނަކީ أصْل قُرَيْش ގެ މީހެއް ނޫނެވެ. އަހުރެން އެމީހުންނާ ގުޅިގެން އުޅެނީއެވެ. ކަލޭގެފާނާއި، ކަލޭގެފާނާއެކު ވާ أَصْحَاب ބޭކަލުންގެ ގާތްތިމާގެ މީހުން حِمايَة ކޮށް، ރައްކާތެރިކުރާނޭ ގާތް މީހުންނާއި، މުދާ ރައްކާތެރިކުރާނޭ މީހުން مَكَّة ގައި ވެއެވެ. އަހުރެންގެ އެފަދަ ގާތްތިމާގެ މީހަކު ނެތުމުން އަހުރެން قَصْد ކުރީ އަހުރެންގެ ގާތް މީހުން حِمايَة ކުރުމަށް އެ مُشْرِك ންގެ ފަރާތުން ވާގިވެރި އަތެއް ހޯދުމަށެވެ. ތިޔަކަމަކީ އަހުރެން ކާފަރުވާކަށް، އަދި مُرْتَدّ ވާކަށް ކުރި ކަމެއް ނޫނެވެ.] ދެންފަހެ رَسُوْل ﷲ ﷺ حَدِيث ކުރެއްވިއެވެ. [އޭނާ ތެދު ބުނެފިއެވެ.] عُمَر ގެފާނު ވިދާޅުވިއެވެ. [އަހުރެން އޭނާގެ ބޯ ކަނޑައިލާން ދޫކޮށްލައްވާށެވެ.] އެހިނދު رَسُوْل ﷲ ﷺ حَدِيث ކުރެއްވިއެވެ. [އެކަލޭގެފާނު بَدْر ހަނގުރާމައަށް ވަޑައިގެންނެވިއެވެ. ފަހެ بَدْر ގެ أهْل ވެރީންނަށް ﷲ ބައްލަވާވޮޑިގެންނެވިކަން ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވައިތޯއެވެ؟ އަދި އެމީހުންނަށް وَحِي ކުރެއްވިއެވެ. [ތިޔަބައިމީހުން ބޭނުން ކަމެއް ކުރާށެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ފުއްސަވައިފީމެވެ.] މި بَيان ވެ ދިޔަ حادِثَة އާ ގުޅިގެން އިސްވެދިޔަ އާތަޔް ބާވައިލެއްވިއެވެ.\nއަދި އަންނަނިވި އާޔަތްތައްވެސް އެވަނީ ހަމަ އެ مَوضُوع ގެ ދަށުގައެވެ.