Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Mumtahanah — Ayah 10

60:10
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا جَآءَكُمُ ٱلۡمُؤۡمِنَٰتُ مُهَٰجِرَٰتٖ فَٱمۡتَحِنُوهُنَّۖ ٱللَّهُ أَعۡلَمُ بِإِيمَٰنِهِنَّۖ فَإِنۡ عَلِمۡتُمُوهُنَّ مُؤۡمِنَٰتٖ فَلَا تَرۡجِعُوهُنَّ إِلَى ٱلۡكُفَّارِۖ لَا هُنَّ حِلّٞ لَّهُمۡ وَلَا هُمۡ يَحِلُّونَ لَهُنَّۖ وَءَاتُوهُم مَّآ أَنفَقُواْۚ وَلَا جُنَاحَ عَلَيۡكُمۡ أَن تَنكِحُوهُنَّ إِذَآ ءَاتَيۡتُمُوهُنَّ أُجُورَهُنَّۚ وَلَا تُمۡسِكُواْ بِعِصَمِ ٱلۡكَوَافِرِ وَسۡـَٔلُواْ مَآ أَنفَقۡتُمۡ وَلۡيَسۡـَٔلُواْ مَآ أَنفَقُواْۚ ذَٰلِكُمۡ حُكۡمُ ٱللَّهِ يَحۡكُمُ بَيۡنَكُمۡۖ وَٱللَّهُ عَلِيمٌ حَكِيمٞ ١٠
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! مُؤْمِن އަންހެނުން ތިޔަބައިމީހުންގެ ގާތަށް هِجْرَة އަށް އަތުވެއްޖެއްޔާ ތިޔަބައިމީހުން އެކަނބަލުންގެ إِيْمَان ކަން إمْتِحان ކުރާށެވެ. ރަނގަޅަށް إِيْمَان ވެގެންތޯ ބަލާށެވެ. ނުވަތަ އޮޅުވައިލައިގެން އުޅެނީތޯ ބަލާށެވެ. އެކަނބަލުންގެ إِيْمَان ކަމުގެ خَبَر ދަބަރު ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ. ދެންފަހެ إمْتِحان ކުރުމަށްފަހު އެއީ ރަނގަޅު مُؤْمِن ން ކަމުގައި ކަލޭމެންނަށް ސާފުކޮށް އެނގިއްޖެއްޔާ ދެން އަލުން އެކަނބަލުން ކާފަރުންގެ ގާތަށް ނުފޮނުވާށެވެ. ކާފަރު ފިރީން ގާތަށް ނުފޮނުވާށެވެ. އެގޮތަކީ دِين ތަފާތުވުމުގެ ސަބަބުން އެ ކާފަރު ފިރީންނަށް ދެން އެކަނބަލުން حَلال ވެގެން ނުވެއެވެ. އަދި އެކަނބަލުންނަކަށް ދެން އެ ކާފަރު ފިރީން حَلال ވެގެން ނުވެއެވެ. ދެންފަހެ އެކަނބަލުންގެ ކުރީގެ ކާފަރު ފިރިމީހާ އައިސް، އެކަނބަލުންނަށް ދީފައިވާ ކާވެނިރަނަށް އެދެފިއްޔާ، ކަލޭމެން މުސްލިމުން އޭނާޔަށް ކާވެނިރަން ދޭށެވެ. (އެ އަދާކުރާނީ مُسْلِم ންގެ ވެރިޔަކަށް ހުރި މީހާއެވެ. ސަރުކާރުންނެވެ. ނުވަތަ مُسْلِم ން ކުރެ މީހެކެވެ.) އަދި إِيْمَان ވެގެން އެ އައި އަންހެން މީހާޔާ ކަލޭމެން އިނުމަކުން ކަލޭމެންގެ މައްޗަކަށް އެއްވެސް ކުށެއް ނެތެވެ. އެއީ ރޭކުރެވިފައިވާ މީހަކު ކަމުގައި ވަންޏާ عِدّة ހަމަކުރުމަށް ފަހުގައެވެ. އަދި އެކަނބަލުންނަށް އެހެން މީހުންނެކޭވެސް އެއްގޮތަށް ކާވެނިރަން އަދާކޮށްގެންނެވެ. އަދި ކާފަރުންގެ ރައްކާތެރިކަން ނުހިފާށެވެ. (އެބަހީ ފިރިހެން މީހާ إسْلام ވެފައި، އަންހެން މީހާ إسْلام ނުވިނަމަ، އެ ދެމީހުންގެ ކާވެނި ކެންސަލްވީއެވެ. ހަމަ އެފަދައިން، އަންހެންމީހާ مُرْتَدّ ވީނަމަވެސް ދެން ކާވެނި ކެންސަލްވީއެވެ. އެ ދެމެދު ކާވެނީގެ ގުޅުމެއް ނުއޮންނާނެއެވެ.) އަދި ކާފަރު އަންހެންމީހާގެ ފަރާތުން ނުވަތަ مُرْتَدّ ވީ އަންހެންމީހާގެ ކިބައިން އެކަނބަލުންނަށް ދީފައިވާ ކާވެނިރަން ކަލޭމެން އެދޭށެވެ. އެކަނބަލުންގެ ފަރާތުން އެ ތަކެތި ލިބޭން ޖެހޭނެއެވެ. ހަމަ އެފަދައިން إسْلام ވެގެން އައި އަންހެންމީހާގެ ކާފަރު ފިރިމީހާވެސް އޭނާ ދިން ކާވެނިރަނަށް އެދޭށެވެ. مُسْلِم ންގެ ފަރާތުން އޭނާޔަށް އެ އަދާކުރާށެވެ. އެއީ ﷲ ގެ حُكْم އެވެ. ކަލޭމެންގެ މެދުގައި ﷲ حُكْم ކުރައްވަނީއެވެ. އަދި ﷲ އީ ދެނެވޮޑިގެންވާ، حِكْمَة ވަންތަ ކަލާނގެއެވެ.